Friday, August 10, 2007

މަގޭ ރިޕޯޓް 150

ޓީވީ މޯލްޑިވްސް އިން ކޮންމެ ރެޔަކު ފޮނުވާ ''ރާއްޖެ މިއަދު '' ޕްރޮގްރާމްގެ ވަކި ހިސާބަކުން ގެނެސްދޭ ''މަގޭ ރިޕޯޓް'' ފެށުމުގެ ކުރިން އެޕްރޮގްރާމްގެ އިޝްތިހާރުގެ ގޮތުގައި އަންނަ ބައިގައި އަންނަނިވި ޢިބާރާތްތައް ކިޔާތީ އަޑުއިވޭ! '' ތިމާ ދިރިއުޅޭ ވެއްޓާ މެދު ފުންކޮށް ފިކުރު ކުރައްވާ! މިއަދުގެ މަންޒަރުތައް ހަމަލޮލަށް ފެންނާނެ! ނަމަވެސް މާދަމާގެ މަންޒަރުތަކާ ވާނޭގޮތް ފެންނާނީ ތިމާގެ އަމިއްލަ ސިކުނޑިން ވިސްނާ ފިކުރުކޮށްގެން''! ސުވާލަކީ ކޮންމެ ރެޔަކު ގަޔާވެގެން ޓީވީ ދޮށަށް އެއްވެ ތިބެ މި ޕްރޮގްރާމް ބަލާއިރު ގައުމުގެ މުސްތަގުބަލާ މެދު ވިސްނާލީ ތިޔައިގެ ތެރެއިން ކިތައް ފަރާތްބާ؟

ރައްޔިތުންނޭ! ތިޔަ ލޮބުވެތި ރައްޔިތުން ބޭނުންވަނީ އަހަރެމެންގެ ހަންހާރަވެތި މިގައުމު ފަސާދަވެ ނެތިދާންބާ؟ ނުވަތަ މިފަސްގަނޑު ކުރިން ވެސް އޮތްހެން އަމާންކަންމަތީ އޮތުންބާ؟ އަހަރެމެންގެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ދުވަސްވީ ވަހުދަތު ގެއްލި، ފިތުނައިގެ އަލިފާން ރޯވެ، ހަސަދައިގެ ހުޅުގަނޑު ބޮޑުވެ، މިތުރުން ހަތުރުންނަށްވެ، ރައްޓަހިން ޢަދުއްވުންނަށްވެ، ޢާއިލާގެ މީހުން ގުޅުމެއް ނެތް ބަޔަކަށްވެ، މުޅި މި ލޮބުވެތި ވަތަން ހަލާކުގެ ތެރެއަށް ވެއްޓެއްބާ؟

ތިޔައިގެ ތެރެއިން ތިބާގެ އުފަން ގައުމުގެ މުސްތަގުބަލާއި މެދު ވިސްނަނީ ހަރު ފުރައިގެ ކިތައްމީހުންބާ؟ ޒުވާން ކިތައް އަފުރާދުންބާ؟ ނާޒުކު ކިތައް ޖިންސުން ލަތީފުންބާ؟ މިއީ މިއަދު ގައުމު އޮތް ޙާލަތާއި މެދު ވިސްނާލުމުން ހިތަށް އަރާ ފައިބާ ސުވާލުތައް ދޮގެއްތޯ! ތިޔަބޭފުޅުން މިސުވާލުތަކުގެ ޖަވާބު ކޮންމެ ސިފައެއްގައި ދިނަސް އަހަރެންދޭނެ ހަމައެކަނި ޖަވާބަކީ ރައްޔިތުންގެ ތެރޭގައި މިފަދަ ބީދައިން އިޚްލާޞްތެރިކަމާމެދު ގައުމުގެ މުސްތަގުބަލާއި މެދު ވިސްނައި ފިކުރު ކުރާ ރައްޔިތުން މަދުކަން! ޚާއްޞަކޮށް މާދަމާ ގައުމު ހިންގަން ތިބި ބައެއް ޒުވާނުންގެ ސިކުނޑީގައި މިކަމަށް ސަމާލު ކަމެއް ދީފައި ނުވާކަހަލަ! އެތައް ޒުވާނުންނެއްވަނީ މަސްތުވާ ތަކެތީގެ ޝިކާރައިގެ ޖެހި ހަލާކުވެފާ!

ތެދެއް ގައުމުގެ ކޮންމެ ދިމާލަކުން ވެސް އިވެނީ ''ބަދަލު''، ''ބަދަލު ވާންވެއްޖެ''، ''ބަދަލެއް ބޭނުންވޭ'' މިފަދަ ލަފުޒުތަކާއި ކަލިމަތައް އެހެންނޫންތޯ! ތެދެއްމެ އަހަރެމެންގެ އުފަން ފަސްގަނޑަށް ވެސް ބަދަލުތަކެއް ގެންނަށް ޖެހިފައި އެބަހުރި! އަދި ބަދަލުތަކެއް އަންނަށް ވެސް ޖެހޭނެ! އެކަމަކު ގެނެވޭ ބަދަލު ވާންޖެހޭނީ ވިސްނާފައި ގެންނަށް ޖެހޭ ބަދަލަކަށް. ހިކުމަތްތެރި ބަދަލަކަށް. ހަރުދަނާ ބިނާކުރުވަނިވި ފާޑު ކިޔުންތަކެއްގެ މައްޗަށް ބަރޯސާވެފައިވާ ބަދަލަކަށް! އަމިއްލަ ފައިދާ އަށްވުރެ ޖަމާޢަތުގެ ފައިދާއަށް އިސްކަންދީފައިވާ ބަދަލަކަށް! ފަހަރެއްގައި ވެސް ''ދޯހަޅި'' ކަމާ، ''ކަންކުތިކަން'' އޭގައި ޝާމިލްވާ ބަދަލަކަށް ނޫން.

ބަދަލެއް ގެންނަށް ޖެހޭއިރު ވިސްނާލަން ޖެހޭ ނުކުތާއަކީ ކޮބައިބާ؟ މިއީވެސް އުފެދޭ ސުވާލެއް ދޮގެއްތޯ؟ ޝައްކެއްނެތް. އެއީ މިހާރު އޮތް ޙާލަތާއި ބަދަލު އައުމުން ދެން ވެދާނެގޮތް ފުންކޮށް ވިސްނައި ލަފާކޮށް އަންދާޒާކުރުން. ބަދަލު އައުމުން ކުރިމަތިވެދާނެ ހުރިހާ ކަމެއްގެ ޙައްލާއި، ވާނޭ މަންފާ، ގެއްލުންތައް ތިލަފަތުގެ ދެކޮޅުގައި ބަހައްޓައިގެން ކިރާލަމާ ހިނގާ! ބަދަލުގެ ސަބަބުން ތިލަފަތުގެ ފައިދާގެ ކޮޅު ބަރުވިނަމަ އެބަދަލެއް ގެންނަށްވީ. އެހެންނޫނީ ގެނެވޭ ބަދަލުން ފަހަރުގައި އުއްމީދު ނުކުރާ ކަންތައްތަކެއް ފެންމަތިވެގެން އައުމަކީ ކައިރި ކަމެއް! އަމިއްލައަށް ރައްޔިތުން ވިސްނާނުލައި ގެންނަ ބަދަލުގެ ސަބަބުން އަމިއްލަ އަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ވަނުން ފަދަ މިސާލުން ކަންތައްތައް ދިއުމަކީ ދުރުގައި އޮތްކަމެއް ނޫން.

ވިސްނަންވީ ޕާޓީގެ ނިޒާމަކަށް ނޫން. އަދި ޕާޓީތަކުގެ މަޞްލަހަތަކަށް ވެސް ނޫން. ވިސްނަންވީ އަމިއްލަ ގައުމާ މެދުގައި، އަމިއްލަ ބިމާއި ގޯތި ގެދޮރުހުރި، ކާބަފައިން އުޅެބޮޑުވި، އަނބިންނާއި ދަރިން އުޅެމުންދާ އަދި މާދަމާގެ ޅަދަރިން އުޅެން އޮތް މާހައުލާ މެދުގާ! އަމިއްލަ ފަސްގަނޑު ކުރިއަރާނީ އެންމެން އެކުގައި ތަރައްގީއަށްޓަކައި އަތްތައް ލާމަހައި ގުޅުވާލައިގެން. އެންމެން އެއް ޞަފެއްގައި ތިބެ، އެކައްޗެކޭ ކިޔައިގެން! ފަހަރުގައި ވެސް ފޮރުވިގެން ތިބެ، ނުވަތަ ހާމަކޮށް ބޮޑު ގޮތެއްގައި ވެރިކަމުގައި ތިބި މީހުންނަށް ހަޖޫޖަހައި ޖޯކް ކިއުމަކީ ބުއްދިވެރިންގެ ސިފައެއް ނޫން. އެއީ މުފައްކިރުންނާއި ޢާލިމުން ކަންތައް ކުރިގޮތެއް ނޫން. އެކަމަކު އެއީ ފިނޑިންނާއި، ކަންކަމުގައި ފަސްޖެހޭ މީހުން ކަންކޮށް އުޅުނުގޮތް. ތަންދޮރުން ވަކިނުވާ ނާތަހުޒީބީ މީހުން ޢަމަލު ކުރާގޮތް.

ތެދުތެދަށް ބުނާނަމަ ހަގީގީ ބަދަލު ގެންނަށް ބޭނުންވާ މީހުން ކިޔާނީ ހަރުދަނާ ފާޑުތައް! ހުށަހަޅާނީ ބޭނުންތެރި ޚިޔާލުތައް.ކަންކަން އިޞްލާޙު ކުރަން މަސައްކަތް ކުރާނީ ގާނޫނީ އޮނިގަނޑުން ބޭރުނުވެ، ދީނީ، ޝަރުޢީ، ތަރަޙައިގެ ތެރޭގައި ތިބެގެން!އަދަބުވެރިކަމާއި، އިޙްތިރާމާއި، ރީތި މުޢާމަލާތްތަކުން ޒީނަތްތެރިވެ، ތިބެ، އަޑު އަހާލަން ފަސޭހަ ބަސްމަގެއް ބޭނުންކޮށްގެން! އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ޖައްވެއްގެ ތެރޭގައި ތިބެގެން!އެއީ އިސްލާމްދީން އަހަރެމެންނަށް އެންމެ ކުރިއްސުރެ ''މަޝްވަރާ''ގެ ރީތި އުސޫލު ދަސްކޮށް އަންގައިދީފައިވާތީ!

ގަދަ ބާރުން ކަންކަމާއި، މައްސަލަތަކަށް ޙައްލު ހޯދޭނޭ ކަމަށް ހީކޮށް، ރުޅި އައިސް ވެރިންނަށް ތިބޭ މީހުންނާއި، ދެކޮޅުވެރިވެ، ޒުވާބުކޮށް، މަގުމައްޗަށް ނިކުމެ، މަގުމަތީގެ އަމާންކަން ނަގާލުމަކީ ޙައްލެއް ނޫން. ފަހަރުގައި ވެސް ހިތުގައި އޮންނަ ޒާތީ ހަސަދައިގެ އޮއިވަރު ފިލުވުމަށް އަނެކާގެ އިއްޒަތުން ނަފުސަށް އަރައި، އަބުރު ހިރަފުހާ ވެލީގެ ތެރޭގައި މޮޑެލުން އެއީ ތިބާއަށް ލިބިފައިވާ ޙައްގެއް ނޫން. އަދި އެއީ މާތް ވެގެންވާ އިސްލާމްދީން އަހަރެމެންނަށް ގެނެސްދިން ކަމެއް ވެސް ނޫން. އަދި އެއީ އަހަރެމެން ފުރިހަމަ މުސްލިމުން ކަމަށް ވީހިނދު ކަންތައް ކޮށްގެންވާނޭ ގޮތެއް ވެސް ނޫން!

އަދި ވެސް ވިސްނަވާ! އެކުވެރިވެ، އެއްބާރުލާންވީ ވަގުތު މިއޮތީ އައިސްޖެހިފާ! ތަރައްޤީގެ ދުވެލީގައި ގައުމުގެ ނާ އާ މިސްރާބަކަށް ދަތުރުކުރަމުންދާ ދުވަސް ވަރެއްގައި ގައުމު މިދަނީ ތަރައްގީގެ އާ ހަރުފަތްތަކެއް ގިރާކުރަން ތައްޔާރު ވަމުން! އާރިސޯޓްތައް ހުޅުވި، ސިޓީ ހޮޓަލާއި، ޔޮޓު މެރީނާގެ ސިފައިގައި ފަތުރުވެރިކަން ފުޅާވެ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވޭ ޔުނިވަސިޓީ އިފްތިތާހު ކުރުމުގެ ވަގުތު މިވަނީ ކުޑަތަންވެފައި! އަމިއްލަ ރަށުގައި ތިބެ ރާއްޖޭގެ ދަރިންނަށް މަތީ ތަޢުލީމުގެ ތަޢުލީމު އުގެނުމުގެ މަގު މިދަނީ ފަހިވަމުން! އަންނަ އަހަރު ޔުނިވަސިޓީ ހުޅުވި އޭގެ ދެތިން އަހަރު ފަހުން މެޑިކަލް ކޮލެޖެއް ގާއިމް ކުރެވި، އަމިއްލަ ބިމުގައި ތިބެ، މާސްޓާރޒް، ޕީއެޗްޑީ ފަދަ ފާސްތައް ހޯދޭނެ މަގު ފަހިވެގެން ދިއުމަކީ ވެސް ކުރެވޭ އުއްމީދެއް! މިއަދު ކުރެވޭ އުއްމީދުތަކާއި، ކުލަ ނުޖެހޭނެ ކަމަށް ހީކުރެވޭ ހުވަފެންތައް މާދަމާ ކުލަޖެހި ފުރިހަމަ ވުމުން އުފާނުވާނީ ތިޔައިގެ ތެރެއިން ކާކުބާ؟ ޝައްކެތް ނެތް. އެދުވަސް އައުމުން ހިތާމައިގެ ބަދަލުގައި ލޯތައް ތެތްމާލާނީ އުފަލުގެ ކަރުނައިންކަން ޔަގީން! އެއީ ތިބާގެ އުފަން ދަރި ތިބާ ލޮލުގެ ކުރިމަތީގައި ބަލަބަލައި ހުއްޓައި މޮޅުވެ، ޢިލްމީ މީހަކަށްވެ، ޕީއެޗްޑީ ހާޞިލްކޮށް ނަމުގެ ކުރިއަށް ޑރ.ގެ ލަގަބު ގެނައީތީ! އެފަދަ ދުވަހެއް އައުމުން ތިބާއަށް އިހްސާސް ކުރެވޭނީ ތިބާ ހައްދައި ބޮޑު ކުރި ގަހަކުން މޭވާ އެޅުމުން ކުރެވޭ ފަދަ އިހްސާސެއް ކަން ޔަގީން.

އަދިވެސް ބުނަން. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ އެކަކު އަނެކަކުގެ އަޚުން، އުޚުތުން. އާއިލާގެ މެންބަރެއް ނުވަތަ ތިމާގެ މީހެއް. އެހެންނޫނީ ދުރުތާ ތިމާގެ މީހެއް. ގިނަ މީހުން ތިބޭނީ ދުރު ހިސާބަކުން ނަމަވެސް ލޭގެ ގުޅުމުން ގުޅިފާ. ވީއިރު އަހަރެމެންގެ ތެރެއިން މީހަކު ވަކި ޕާޓީއަކަށް ނިސްބަތްވުމުން އެކަކު އަނެކަކާ ފުސްމޫނު ހަދައި، ފަސްދީ ދާއިރު އަގަަައިން ނުބުނެ ތިބުމުގެ ބޭނުމަކީ ކޮބައިބާ؟ ''ގޮތް ދޫނުކުރުމަކީ'' މާތް ސިފައެއް ކަމުގައި ދެކިގެން ތިބާ އެގޮތަށް ޢަމަލު ކުރާނަމަ ތި ހިގަނީ އަދި އިންޞާފުގެ މަގަކުން ނޫން. އެއީ ގޮތްދޫ ނުކުރުމަކީ ފުރިހަމަ މުއުމިނުންގެ ސިފައަކަށް ނުވާތީ. އެހެންވީމާ ތިހިގާ މަގުގެ މިސްރާބު ބަދަލުކޮށް ހެޔޮކަމުގެ ބަނދަރަށް ތިބާ ހަޔާތު ނަވާއިގެން ދަތުރު ފައްޓަވާ! އެބަނދަރުގެ ނެރު ތިބާއަށް އަދިވެސް އޮތީ ހުޅުވިފައި. އަދި އޮންނާނީ ވެސް ހުޅުވިފައިކަން ޔަގީން.

މިއަދު ގައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ތެރެއިން ކޮންމެ މީހެއްގެ ޙިއްޞާ އޮންނާނެކަން ހަދާން ބަހައްޓަވާ! ''މަށަށް ކީއްހޭ'' ބުނެ، ތަރައްގީއަށްޓަކައި ރައްޔިތުން ކުރާ މަސައްކަތަށް ފުރަގަސްދީ، ބީރު ކަންފަތެއް ދިނުމަކީ އަހަރެެމެންނާއި ޙަވާލުވެފައިވާ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރެވޭ ބޭއިންސާފެއް ކަން ހަނދުމަ ކުރައްވާ! އަދި އެއީ އަހަރެމެންގެ އަންނަށް އޮތް ޖީލްތަކަށް ވެވޭ ޚިޔާނާތެއްކަން ވިސްނަވާ! ވެރިކަމުގައި ވަކި ބަޔަކު ތިބީތީ އެބަޔަކަށް ތިބާގެ ހިތުގަައި ހަސަދަ އޮތްނަމަ އެހަސަދަ ހިތުން ފުހެލައްވާ! ސާފު ހިތަކާއިގެން، އެމީހުންނާއި ކުރިމަތިލައި، ރުހުމުގެ ލޮލަކުން ބަލައި، ރީތި ބަސް މަގުން މުޚާތަބު ކުރައްވާ! އޭރުން ތިބާއަށް ވެސް އެމީހުން ފެންނާނީ އެކުވެރިންގެ ގޮތުގައި! ރައްޓަހިންގެ ގޮތުގައި! ހެޔޮ މަދަދުވެރި، ހަރުދަނާ ހިންގުންތެރިންގެ ގޮތުގައި! އެކަމަކު މިތަދުބީރުން އެއްކިބާވެ، ނުރަގަޅު ލޮލުން ބަލަން ބޭނުންވާ މީހަކަށް ކިތައްމެ ސާފު މަންޒަރެއް ވެސް ފެންނާނީ ކަޅު އަދިރި ގަނޑެއްގެ ސިފައިގައި ކަން ޔަގީން. މިއީ ދެބަސްވުމެއްނެތި ގަބޫލު ކުރަންޖެހޭ ޙަގީގަތެއް އެހެން ނޫންތޯ.

ނިންމާލުމުގެ ކުރިން ބުނެލަމެވެ. ''އޭ އަހަރެންގެ މަންމަ ފަދައިން އަހަރެން ލޯބިވާ ގައުމާއެވެ. އަހަރެން މިތުރާއާއި ދުރު ކޮންމެތާކު ހުއްޓަސް މިތުރާގެ މަތިން ހަދާން ކުރަން! އެއީ އަހަރެންގެ ހަށިގަނޑުން ވަކިކުރެވުނު ފޫޅު ދަނޑިއާއި، މަސް، ތިޔަ ބިމުގައި ވަޅުލެވިފައި ވާތީ! އެއީ އަހަރެންގެ ޅަފަތުގެ ދައުރު ހެޔޮގޮތުގައި އަހަރެންގެ މައިންބަފައިން ތިޔަ ފަސްގަނޑުގައި ތަރުބިއްޔަތު ކުރީތީ! އެއީ އަހަރެންގެ ދުވަސްވީ ރަހުމަތްތެރިން ތިޔަ ބިމުން ހިޔާވަހިކަން ހޯދާފައި ވާތީ! އެއީ އަހަރެންގެ ހަށިގަނޑުތެރޭގައި ތިޔަ ބިމުގެ ލޭ ދައުރުވެ ދައުރުވެ ހުރީތީ! މިތުރާ ހޯދާ ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއް އަހަރެން ދެކެނީ އެއީ އަހަރެންނަށް ވެސް ލިބޭ ކުރިއެރުމަކާއި، ކާމިޔާބަކަށް! މިތުރާއެވެ. އަހަރެންނަށް އިންތިޒާރު ކުރޭ! އަހަރެން ވެސް އަދި ކޮންމެ ވެސް ދުވަހަކުން މިތުރާގެ ޚިދުމަތުގައި ހުންނާނަން! އެއީ އަހަރެންނަށް ކާންދިން އަތުގައި ދަތްއެޅި މީހަކަށްވުމަށް ބޭނުން ނުވާތީ! އަހަރެންގެ ދުޢާއަކީ މާތްﷲ ތިޔަ ފަސްގަނޑުގެ އަހުލުވެރިން އަބާއްޖަ ވެރިކަމުން ދުރުކުރައްވައި، ބާއްޖަވެރި، އުފާވެރި މުސްތަގުބަލެއް ދެއްވުން! އާމީން''.

ކޮންމެ އަކަސް އަހަރެންގެ މިގޮވެލި ފަތި ނިމުމަކަށް މިއައީ! މިއިން ތިޔަ ލޮބުވެތި ރައްޔިތުންނަށް މަންފާއެއް ކޮށްފިނަމަ އަހަރެންނަށް ފުދުނީ! އަހަރެންގެ މަންމަ ބިން ދިވެހި ރާއްޖެއަށް އުފަން މީހެއްގެ ހައިސިއްޔަތުން މިހިތުގައި އެފަސްގަނޑަށް، އެބިމަށް އެމާހައުލަށް ވަނީ ލޯތްބާއި ގަދަރު ދެވިފާ! ދިވެހި ބިމަށް އުފަންވީތީ އަހަރެން ފަޚުރު ވެރިވަން! ތިބާ ކެތްތެރިކަމާއެކު އަހަރެންގެ މި ހާސަރު ފަތި އަޑުއަހާ ނިންމާލީތީ އެންމެ ފަހުބަހަކަށް މިހިތުގައި ތިބާއަށް ބުނެލަން އޮތީ ޝީނަކުން ފެށޭ ފަސް އަކުރުގެ ގެ ލަފުޒެއް! އެއީ ''ޝުކުރިއްޔާ''!.